ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ރޭޓިންގް "ސީއޭއޭ 2" އިން "ސީއޭއޭ 1" އަށް މަތިކޮށް، "ސްޓޭބަލް އައުޓްލުކް" އެއް ދީފިއެވެ. މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުންނެވެ.
މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، މޫޑީސްއިން ރާއްޖޭގެ ރޭޓިންގް މަތިކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ނިންމުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކާފައިވުން ހިމެނެއެވެ. މީގެއިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، 2024 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަވެފައިވާކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި ބޭރުގެ މާލީ އިދާރާތަކުންނާއި އަވަށްޓެރި ގައުމުތަކުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ވޯލްޑް ބޭންކް، އޭޑީބީ އަދި އޯޕެކް ފަންޑު މެދުވެރިކޮށް ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދާފައެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ސަރުކާރުގެ ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަމާލުކަން ދޭ ހާލު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމާއި ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.