ދިވެހި ޕާސްޕޯޓް ޕްރިންޓްކުރުމަށް ބޭނުންވާ ބުކްލެޓްތައް ރާއްޖެއަށް ގެނައުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބި، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ޕާސްޕޯޓް ބުކްލެޓްތައް ގެނައުމުގައި ދިމާވި ލަސްތަކާ ގުޅިގެން ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލް ކުރަން ޖެހުނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏާއެކު މަސައްކަތް ކުރާތާ 11 އަހަރު ވެފައިވާއިރު، މިއީ މިފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލަ ދިމާވީ އެ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި ދަތިތަކެއްގެ ސަބަބުންނެވެ. ނަމަވެސް، މި މުއްދަތުގައިވެސް ބޭސްފަރުވާއަށާއި ކިޔެވުމަށް ބޭރަށްދާ މީހުންނަށް ޕާސްޕޯޓް ހައްދައިދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު އޮތް 2،646 ޕާސްޕޯޓުގެ ބެކްލޮގް، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހަފުތާ ބަންދުގައި ޕާސްޕޯޓް ސްޓޮކް ލިބޭނެތީ، މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކޮށްގެން ވީހާވެސް އަވަހަށް ބެކްލޮގް ފިލުވުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި ދުވާލަކު އެވްރެޖްކޮށް 350 ޕާސްޕޯޓް ހަދަން ހުށަހަޅާއިރު، ކުރިން ފަސް ސަރަހައްދަކުން ދެމުންދިޔަ މި ޚިދުމަތް މިހާރު ރާއްޖޭގެ 39 ސަރަހައްދަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މެލޭޝިއާ އަދި ސްރީލަންކާގައި ތިބޭ ދިވެހިންނަށްވެސް މިހާރު މި ޚިދުމަތް ފޯރުކޮށްދެއެވެ. އާންމު ހާލަތުގައި ރާއްޖޭގައި 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ލިބޭއިރު، މިއީ ބައެއް ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.