މުދާ ހޯދަންވާނީ މާތް ﷲ ކަނޑައަޅުއްވާފައިވާ ހަލާލު މަގުތަކުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު
އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ "މުދަލަކީ މާތް ﷲގެ ހައްގެކެވެ" މި މައުޟޫއަށެވެ. ޚުތުބާގައި ބުނެފައިވަނީ، އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، އެ އަމާނާތާ މެދު ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމަށެވެ. އަދި މުދާ ހޯދަންވާނީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ހަލާލު މަގުތަކުން އެކަނި ކަމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އިލާހީ އިމްތިހާނެއްގެ ގޮތުގައެވެ. އެހެންކަމުން، މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އިންސާނާގެ ދީނާއި އަޚުލާގު ފަސާދަވެގެންދާނެއެވެ. ތެދުވެރިކަމާއެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، ވަޒީފާގެ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ އިތުރުން ހަދިޔާއާއި ތަރިކަ މުދަލަކީ ހަލާލު ތަކެތި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ރިބާ ކެއުމާއި، ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތުން މުދާ ހޯދުމުގެ އިތުރުން ވައްކަމާއި ޖުވާކުޅުން ފަދަ ކަންކަމަކީ ކަނޑައެޅިގެން ހަރާމް ކުރެއްވި ކަންކަން ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން، މުދާ އިސްރާފުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަނެ އުކާލުމަކީ ވެސް އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމަށާއި، މުދަލުން އެންމެ ފުރަތަމަ ހޭދަކުރަންޖެހެނީ އަނބިދަރިންނާއި މައިންބަފައިން ފަދަ ތިމާ ބަލަހައްޓަންޖެހޭ މީހުންނަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ