ޖަލުތަކުގައި ތިބޭ ގައިދީން އިސްލާހުކޮށް، މުޖުތަމައު ބަލައިގަންނަ ފަދަ ބަޔަކަށް ހެދުމަކީ ތަމްރީނު ފުރިހަމަކޮށް ޚިދުމަތަށް ނިކުންނަ އޮފިސަރުންގެ ވެސް ބޮޑު ޒިންމާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދައުލަތުގެ ސަލާމަތީ ނިޒާމުގައި މުހިންމު ޒިންމާތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ.
ކުށްވެރިން ޖަލަށް ގެނައުމަށްފަހު، އަނބުރާ މުޖުތަމައަށް ފޮނުވާލުމާ ދެމެދު ހިނގާ މަރުހަލާގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އޮފިސަރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން، ގައިދީން އިސްލާހުކޮށް ރަނގަޅު މަގަށް އެޅުވުމަކީ ކަރެކްޝަންސްގެ އަސާސީ ވާޖިބެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނީ އޮފިސަރުން ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ކޮންމެ އޮފިސަރެއްގެ ކިބައިގައިވެސް އަޚްލާގީ ރަނގަޅު ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ޚާއްސަކޮށް ނުގުޑާފަދަ އަޒުމަކާއެކު އިންޓެގްރިޓީ ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އޮފިސަރެއްގެ އިންޓެގްރިޓީއާ މެދު ޝައްކު އުފެދޭ ހާލަތެއް އަތުވެއްޖެނަމަ، އެއީ އެމީހަކު ޚިދުމަތުގައި ފެއިލްވުން ކަމަށާއި، އެފަދަ ފަރާތްތަކަށް ވަޒީފާގައި ދެމިނުތިބެވޭނެ ކަންވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.