މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްސަކޮށްގެން މާލެ އާއި އަތޮޅުތެރޭގައި ހިންގަމުންދިޔަ 20 "ކެފޭ" އެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މިފަދަ ހުރިހާ ތަނެއް އެއްކޮށް ބަންދުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މީގެ ކުރިންވެސް އެކި ފަހަރު މަތިން ބަންދުކުރި ބައެއް ޑްރަގް ކެފޭތައް އެބަހުރި ކަމަށެވެ. ނަމަވެސް، މިހާރު ޤާނޫނުން ލިބިދީފައިވާ ބާރުތަކާއެކު، އެފަދަ ތަންތަން ތަކުރާރުކޮށް ހިންގުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ އެއްވެސް ދޫދިނުމެއް ނެތް ސިޔާސަތެއް ކަމަށެވެ. މީގެ ކުރިން ފިޔަވަޅު ނާޅާ ހުރި ޒަމާންވީ ގިނަ ކަންތައްތަކަކަށް މިހާރު ފިޔަވަޅު އަޅަމުންދާ ކަމަށާއި، އެކަމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ފުޅާކޮށް، އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ލ. ގަމާއި، ކ. ކާށިދޫގެ އިތުރުން ނ. ވެލިދޫގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. މީގެ އިތުރުން، ކ. ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ ބޮޑު ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.