ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާ އަޅުކަމަށް ޚާއްޞަކޮށްގެން، އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިއީ އައްޑޫ ސިޓީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ދާންނުޖެހި، ފަސޭހަކަމާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ދަތުރުގެ ފްލައިޓް އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން މުޅި ރަމަޟާން މަހު ޢުމްރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
މި ދަތުރުތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ޖާގަ ކަށަވަރުކުރެވޭނެ ކަމަށް އެ ފަރާތުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަންގެ އަބަދުވެސް އަމާޒަކީ ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އެގޮތުން މި ދަތުރުގައި ހިމެނޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:
- ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް ކްލިނިކާއި ފާމަސީގެ ޚިދުމަތް
- ހިލޭ ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު
- މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތާއި، މަދީނާގައި 3 ރޭ ހޭދަކުރުން
- ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް
- ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު ދިނުން
- ޢުމްރާ ކިޓު، ބަގީގެ ޚިދުމަތް އަދި ލޮކޭޝަން ޓްރެކިންގ ޑިވައިސް ފޯރުކޮށްދިނުން
ޤައުމީ އެއާލައިނުން ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަންތައް ފެށުމާ ގުޅިގެން، މިފަދަ ސީދާ ދަތުރުތައް އިންތިޒާމުކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންގޮސްފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެ ކޯޕަރޭޝަންގެ ކުރިއަށް ހުރި އަމާޒަކީ ކޮންމެ އަހަރެއްގެ ޖުލައި، ޑިސެމްބަރު އަދި ރަމަޟާން މަހު ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.