އަންހެންކުދިންނަށް ލީޑަރުންނަށް ވެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ އުތީމަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ އުތީމަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަޤްބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުރިހަމައަށް ބައިވެރިވާކަން ހާމަކުރެއްވިއެވެ. އަދި އަންހެންކުދިންގެ ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ، ޤައުމީ ތަރައްޤީގައި އެކަނބަލުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ.

އަންހެންކުދިން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިފަދަ އަމާޒުތައް ހާސިލުކުރެވޭނީ އާއިލާތަކާއި، މުޖުތަމަޢުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. މިއަދު އަންހެން ދަރިންގެ ޙައްޤުތަކާއި ތަރައްޤީއަށް ކުރެވޭ އިންވެސްޓަކީ މާދަމާގެ ހަމަހަމަ، ފާގަތި މުސްތަޤްބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަސް ބައިނަލްއަޤްވާމީ ގޮތުން އަންހެންކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އަންހެންކުދިންގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އެކި ފެންވަރުގައި ޚާއްޞަ މަސައްކަތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ