ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން "1677" އަށް މިއަހަރުގެ މިހާތަނަށް 12،590 އަށްވުރެ ގިނަ ކޯލު ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ނުރައްކާތެރި ކުއްލި ހާލަތްތަކާ ގުޅޭ 365 މައްސަލައަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.
އެ ވުޒާރާއިން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ލިބުނު ކޯލުތަކުގެ ތެރޭގައި އެންމެ ގިނައީ އާންމު ނަފްސާނީ ހާލަތްތަކާ ގުޅިގެން އެހީތެރިކަމަށް އެދި ގުޅާފައިވާ ފަރާތްތަކެވެ. އަދި ވަގުތުން ފިޔަވަޅު އަޅަންޖެހުނު ނާޒުކު އަދި ނުރައްކާތެރި ކުއްލި ހާލަތްތަކަށް ވަނީ ވަގުތުން އިޖާބަދީ، އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މުޅި އަހަރުގެ 24 ގަޑިއިރު މެދުކެނޑުމެއްނެތި ހިދުމަތް ދެމުންދާ "1677" ހެލްޕްލައިނަކީ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގައި އަވަސް އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދިރިއުޅުމުގެ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި، ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ (ސައިކޮލޮޖިކަލް ފަސްޓް އެއިޑް) ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ނަފްސާނީ ގޮތުން އުނދަގޫ ހާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި، ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދީ، ރައްކާތެރިކަމާއެކު ވާހަކަތައް ހިއްސާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީވެސް މި ހެލްޕްލައިންގެ މުހިންމު އަމާޒެކެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެފަދަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފްތާ 14" މަގުޗާޓުގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ވައުދެކެވެ. މިގޮތުން ސިއްހީ ދާއިރާގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ސަމާލުކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.