މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ނަމުގައި ޚާއްސަ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރއެއް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓު ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗުތައް ފަސޭހަކަމާއެކު ތައްޔާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރގައި އިންޓަރސެކްޝަންތަކާއި، ޓީ-ޖަންކްޝަންތައް އަދި ސީދާ މަގުތަކުގެ ލޭއައުޓުތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ އުޅަނދުފަހަރާއި، ޓްރެފިކް ނިޝާންތަކާއި މަގުބައްތިތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް ސޮފްޓްވެއަރއިން ލިބެން ހުންނާނެއެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދެއްކުމަށްޓަކައި، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖުތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތުވެސް މި ނިޒާމުގެ ތެރެއިން ލިބިގެންދާނެއެވެ. މިއީ ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު މަތިކުރުމަށާއި، ހެކި ޑޮކިއުމެންޓުކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ.