ސެޕްޓެމްބަރު މަހު ތެލަސީމިއާ އިނާޔަތުގެ ގޮތުގައި 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އޮރެންޖް ހިޔާގައި ހުންނަ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އޮރެންޖް ހިޔާގައި ހުންނަ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ސެޕްޓެމްބަރު މަހު ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހާއްސަ އިނާޔަތުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު އެ އެޖެންސީގެ ދަފްތަރުގައި ތެލަސީމިއާ ޖެހިފައިވާ 547 މީހަކު ރަޖިސްޓްރީވެފައިވެއެވެ. އަދި އޭގެ ތެރޭގައި އެ މަހު އަލަށް ރަޖިސްޓްރީވި 6 މީހަކު ހިމެނޭއިރު، އެ މަހުގެ އިނާޔަތުގެ ގޮތުގައި ޖުމްލަ 1،082،000 (އެއް މިލިއަން އަށްޑިހަ ދެ ހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ތެލަސީމިއާ ޕޭޝަންޓުންނަށް މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ. މި އިނާޔަތް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި އިނާޔަތް ލިބެނީ ސެންޓަރ ފޯރ ތެލަސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސްއިން ބަލަހައްޓަމުންދާ ތެލަސީމިއާ ބަލިމީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ތެލަސީމިއާ ކުދިންނަށް ފަރުވާ ދިނުމާއި، އެ ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސްކޫލް ދަރިވަރުން ތެލަސީމިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ފެށުމާއި، ހުޅުމާލޭ އޮރެންޖު ހިޔާގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ޑީއެންއޭ ލެބޯރެޓަރީ އަދި ހާއްސަ ކްލިނިކްތައް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން 5 އަހަރު ދުވަހުގެ ތެރޭގައި 50 ކުދިންނަށް ސަރުކާރުގެ ހަރަދުގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމުގެ މަޝްރޫއެއްވެސް ދަނީ ކުރިއަށް ދިއުމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ