ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން 290 މައްސަލައެއްގައި ކޯޓުތަކަށް ދައުވާ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ އޮފީހަށް ބަލައިގެންފައިވަނީ ޖުމްލަ 256 މައްސަލައެކެވެ. މީގެއިތުރުން، އެ އޮފީހުގެ ވަކީލުން ވަނީ އެކި ކޯޓުތަކުގައި ކުރިއަށްދިޔަ 1,192 އަޑުއެހުމަކަށް ހާޒިރުވެފައެވެ. މީގެ ތެރޭގައި މާލޭގެ ކޯޓުތަކާއި، އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން މަތީ މަރުހަލާގެ ކޯޓުތަކުގައި ބޭއްވި ޝަރީއަތްތައް ހިމެނެއެވެ.
ތަހުގީގީ އިދާރާތަކަށް ގާނޫނީ އިރުޝާދު ދިނުމުގެ ދާއިރާއިން ބަލާއިރު، އެކި ކުށްކުށުގެ ތަހުގީގުތަކާ ގުޅޭގޮތުން 678 ފަހަރެއްގެ މަތިން ގާނޫނީ ލަފާދީފައިވެއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާތައް ކޯޓުތަކަށް ހުށަހެޅުމާއި، ތަހުގީގު ކުރާ އިދާރާތަކަށް ބޭނުންވާ ގާނޫނީ ލަފާ ފޯރުކޮށްދިނުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލާ މުއައްސަސާއެވެ.