ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދުމުގެ މުއްދަތު މި މަހުގެ 26 އަށް ހަމަވަނީ

މާލޭގެ ގެއެއްގައި ހުރި ކެމިކަލް ގުދަނެއް ހުސްކުރަނީ
މާލޭގެ ގެއެއްގައި ހުރި ކެމިކަލް ގުދަނެއް ހުސްކުރަނީ

ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ރަސްމީ ހުއްދައަށް އެދުމަށް ދީފައިވާ މުއްދަތު މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ހުއްދައަށް އެދުމާއި ކެމިކަލް ގުދަންކުރާ ތަންތަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ "މަކުޑި" ޕޯޓަލް މެދުވެރިކޮށެވެ.

ދިފާއީ ވުޒާރާގެ ކެމިކަލް މެނޭޖްމަންޓްގެ ޑިރެކްޓަރ ޒިދްނާ މުހައްމަދު ވިދާޅުވި ގޮތުގައި، ކެމިކަލް ވިއްކާ ބައެއް ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ހުއްދަ ނުނަގައި ވިޔަފާރި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންވެ، ކުރިން ދީފައިވާ މުއްދަތުގައި މަދު ބަޔަކު ރަޖިސްޓްރީ ކުރުމުން އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި މަހުގެ 26 ގެ ފަހުން ގަވާއިދާ ހިލާފަށް ކެމިކަލް ވިއްކާ ފަރާތްތަކަށް ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ އެއްވެސް ހުއްދައެއް ދޫނުކުރެވޭނެއެވެ.

ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ތަނެއް އިންސްޕެކްޓް ކުރުމަށްފަހު ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ހުއްދަ ދޫކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ. ނަންނޯޓު ނުކޮށް ކެމިކަލްގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު"ގެ ދަށުން ގާނޫނީ ފިޔަވަޅު އަޅައި، ކުރިއަށް އޮތް ތަނުގައި އިމްޕޯޓް ޕާމިޓް ދޫކުރުން ހުއްޓުވާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

2019 ވަނަ އަހަރު ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަނީ ކ. ތިލަފުއްޓަށް ބަދަލުކޮށްފައެވެ. ދިފާއީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭ ސަރަހައްދުގައި ކެމިކަލް ގުދަންކުރާ 144 ތަނަކާއި، ކެމިކަލް ވިއްކާ 62 ފިހާރައެއް ހިންގަމުންދާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ދަނީ މި ތަންތަން ގަވާއިދަށް ފުރިހަމައަށް ތަބާވޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަންތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ