ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ދެ ކެޓަގަރީއަކަށް ވީއައިއޭ ނޮމިނޭޓްވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު. ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެއެވެ.

މި އަހަރުގެ އެވޯޑުގައި ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިންނެވެ. މި ދެ ކެޓަގަރީއަށް ވާދަކުރުމުގެ ފުރުސަތު ވީއައިއޭއަށް ލިބުނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ އެވޯޑު ވީއައިއޭއިން ކާމިޔާބުކޮށްފައިވާތީއެވެ.

ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީއައިއޭއިން މި އެވޯޑުތަކުގައި ވާދަކުރާއިރު، "ވޯލްޑްސް ލީޑިންގ އެއަރޕޯޓް" ކެޓަގަރީގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓާއި އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓް ފަދަ މަޝްހޫރު އެއާޕޯޓްތައް ހިމެނެއެވެ. އަދި "ކަސްޓަމަރ އެކްސްޕީރިއަންސް" ކެޓަގަރީގައި ޖުމްލަ 12 އެއާޕޯޓަކާއެކު ވާދަކުރާއިރު، އޭގެ ތެރޭގައި އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނެއެވެ.

އެމްއޭސީއެލްއިން ވަނީ ދިވެހި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވީއައިއޭއަށް ވޯޓު ދިނުމަށް އެދިފައެވެ. މި ދެ ކެޓަގަރީއަށް ވޯޓުލުމުގެ ފުރުސަތު 2026 އޮކްޓޯބަރު 30 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ޥޯޓިން ލިންކް: ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026 | ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026

މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ