ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ހިންގާ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ ބައިވެރިން ތަމްރީނު ހެދުމަށް މިއަދު ފުރައިފިއެވެ. މި ބެޗުގައި ބައިވެރިވަނީ ސެޕްޓެމްބަރު 19 ގައި ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ތިންވަނަ ބެޗުން ފަންނީ ތަމްރީނަށް ކުރިމަތިލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފުރުސަތު ލިބުނު ދަރިވަރުންނެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށްދާ ކޯހެކެވެ. މި ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކުން ޖުމްލަ 84 ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި މެރިން އިންޖިނިއަރިންގ، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯސް ހިމެނެއެވެ. ކޯސްތަކުގެ މުގައްރަރުގެ އިތުރުން ފިޒިކަލް ފިޓްނަސް، ފަތަން ދަސްކޮށްދިނުން، ޑްރިލް، އަދި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ލައިފް ސްކިލްސްގެ ބައިތައް ވެސް ކުރިއަށްގެންދާނެއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު އަދި މަސައްކަތަށް އަހުލުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ހާއްސަ މަޝްރޫއެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހު ޅ. މާފިލާފުށީގައެވެ.