ފޯބްސްއިން ހޮވި ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ދުނިޔޭގެ މަޝްހޫރު ފޯބްސް މަޖައްލާއާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖާގަ ލިބިއްޖެއެވެ. "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް" ގެ ނަމުގައި ތައްޔާރުކުރި މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި ދުނިޔޭގެ 89 ގައުމަކުން 500 ބޭންކު ވަނީ ހިމެނިފައެވެ.

މި ރޭންކިންގައި ބޭންކުތަކުގެ މާލީ އަދި ހިންގުމުގެ ފެންވަރު ވަޒަންކޮށްފައިވަނީ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރާއި، ކުރިއެރުމާއި އާމްދަނީގެ ފެންވަރާއި، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަމުގެ އިތުރުން އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ލިސްޓު އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރުހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކަށާއި، ބޭންކުތަކުގެ ރިޕޯޓުތަކަށް ރިއާޔަތްކޮށްފައިވެއެވެ.

މި ލިސްޓު ޖުމްލަ ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ފުރަތަމަ ގިންތީގައި ހިމެނެނީ ޖޭޕީ މޯގަން ޗޭސް އަދި އެޗްޑީއެފްސީ ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތަކެވެ. ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ގިންތީގައެވެ. މި ގިންތީގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެބޭންކާއި އެއް ސައިޒެއްގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ މާލީ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލްއަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް އޮތް މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންއެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދަށްޓަކައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ ބޭންކިން ދާއިރާގެ ބަދަލުވަމުންދާ މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ދެމެހެއްޓެނިވި ކުރިއެރުން ސާބިތުކޮށްދޭ ތާރީޚީ ކާމިޔާބީއެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ