ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. ފޮޓޯ: ސަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު. ފޮޓޯ: ސަން

ރަސްމާލެ މަޝްރޫއުގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ. އެ މާއްދާގައިވާ ގޮތުން ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓުން ބަލައިގަންނާނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ފަދަ މައްސަލަތަކާއި، ދައުލަތުގެ ބާރުތަކުގެ މެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތަކެވެ.

ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ރިވިއުކުރުމަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ހުށަހެޅުއްވި ފަރާތަށް ލިބިގެންވެއެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ވޯޓަރފްރަންޓް ސިޓީއެއް ގާއިމުކުރުމަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ އިންވެސްޓްމަންޓާއެކު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މަޝްރޫއުގެ މުޅި މުއްދަތުގެ ތެރޭގައި 30 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ބޭރުގެ ސީދާ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރެވޭނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ