ދިވެހި ވަތަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 351 ޒުވާނުންނާއެކު ޅ. މާފިލާފުށީގައި ފަށައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 20 އަތޮޅުގެ 126 ރަށަކުން ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ވަތަނީ ޚިދުމަތާ އަލަށް ގުޅޭ މެންބަރުންނަށް ޚާއްސަކޮށްގެން ދެވޭ ތަމްރީނެކެވެ. މި ކޯހުގެ ތެރެއިން ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށްވުމާއި، ދީނީ ތަރުބިއްޔަތުގެ އިތުރުން އަޚުލާގާއި ސުލޫކު، ލީޑަރޝިޕް އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ދާއިރާތަކުން މައުލޫމާތާއި ހުނަރު ފޯރުކޮށްދެވޭނެއެވެ.
ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ރޫހާނީ އާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މީގެއިތުރުން ގައުމީ ކާރިސާތަކާއި ނުރައްކާތަކުގައި ސާބިތުކަމާއެކު ޚިދުމަތްކުރާނެ ބަޔަކު އުފެއްދުމާއި، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ވަނުމަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ދަރިވަރުންނަށް އެކި ދާއިރާތަކުން ސަނަދުތައް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް.
- ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ސެޓްފިކެޓް 3.
- ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް.
- ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް.
- "އެކުއެކީ" ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް.
ސަރުކާރުން ބުނެފައިވާ ގޮތުގައި ވަތަނީ ޚިދުމަތުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަކީ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ސިޔާސަތެވެ.