ރާއްޖޭގައި ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އައި ބޭރުގެ 29 ވިޔަފާރިއެއް އުވާލާފައިވާކަން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިގްތިސާދީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހި ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން، ހޯލްސޭލް އަދި ރީޓެއިލްގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގައި ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ގާނޫނުގެ ދަށުން، ކުރިން ހިންގަމުން އައި އިންވެސްޓްމަންޓްތަކަށް އުސޫލުތަކަށް ފެއްތުމަށް ނުވަތަ ވިޔަފާރި ނިންމާލުމަށް ދެވުނު އިންތިގާލީ މުއްދަތު މި މަހުގެ ތެރޭގައި ވަނީ ހަމަވެފައެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން ތަންފީޒީ މަރުހަލާ ހަރުދަނާކޮށް، އިގްތިސާދީ ސީދާ މަންފާ ދިވެހިންނަށް ހޯދައިދިނުމެވެ. މި ސިޔާސަތުގެ ދަށުން، މި ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ 17 ކުންފުންޏަކުން ވަނީ އެ ފަރާތްތަކުގެ ހިއްސާ ދިވެހިންނަށް ބަދަލުކުރުމަށް ނުވަތަ ލޯކަލައިޒްކުރުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުންތައް އިގްތިސާދީ ވުޒާރާއިން މިހާރު ދަނީ ދިރާސާކުރަމުންނެވެ.
އިންތިގާލީ މުއްދަތު ހަމަވިއިރުވެސް އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އަދި ހުށަހެޅުމެއް ހުށަނާޅާ ކުންފުނިތަކަށް ގާނޫނީ ގޮތުން ފޮނުވަންޖެހޭ ރަސްމީ ނޯޓިސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ހިއްސާ ބަދަލުކުރަން ހުށަހަޅާ ކުންފުނިތަކުގެ ބަދަލުވުމަކީ ހަގީގީ އަދި ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.