ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި

އިކޮނޮމިކް މިނިސްޓަރު ސައީދު
އިކޮނޮމިކް މިނިސްޓަރު ސައީދު

ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އޮފީސްތައް ފަށާ ގަޑިއާއި ނިމޭ ގަޑިތަކުގައި މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބުރިޖުމަތީގައި ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި ބަދަލަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ތަރުތީބުކޮށް، މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު ފިޔަވަޅެކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ގްރޭޓަރ މާލެ ސަރަހައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލް ކުރެވިފައިވާ ޒޯނެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) އުފައްދައި، އެ އޮފީސް ހިންގުމަށް ސީއީއޯއަކު އައްޔަންކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ އޮފީހަށް އިރުޝާދާއި ލަފާދިނުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ފެންވަރުގެ "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން މާލޭގެ ހަތަރު މަގެއްގެ ޕާކިންގ އަލުން ޑިޒައިން ކުރުމުގެ މަސައްކަތް ޖީއެމްޓީއެމްއޯ އިން ފަށާފައިވާ އިރު، އެ މަސައްކަތުގައި އެ މަގުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބުރިޖުމަތީގައި ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެންނާނީ ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ އައު އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެ ކަމަށް ވަޒީރު ސައީދު ހާމަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ