ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލުމުގެ މަސައްކަތް މި އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މާލެ ސަރަޙައްދުގައި ކުރިއަށްދާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް ވަނީ މި އަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅު ނިންމާލާފައެވެ.
ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅު ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ ސެގްމަންޓެއްގެ މަސައްކަތް ކަމަށެވެ. މައިގަނޑު ތަނބުތައް އެއްތަނބު އަނެއް ތަނބާ ގުޅުވައިދޭ މި ސެގްމަންޓްތަކަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ-ފެބްރިކޭޓްކޮށްގެން ގެނެސް ހަރުކުރެވޭ ބައިތަކެކެވެ.
އޭގެއިތުރުން، މާލެއާއި ވިލިމާލެއާ ދެމެދު އެޅި ބުރިޖުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. އެގޮތުން ތާރުއެޅުމުގެ ކުރިން ޑެކްގައި ކުރަންޖެހޭ މަސައްކަތްތަކާއި، ދެކޮޅަށް ދުއްވާ ލޭންތައް ވަކިކުރާ މީޑިއަން ބެރިއަރ ހަރުކުރުމާއި، ރެއިލިންގާއި މަގުބައްތި އަދި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
މުޅި ތިލަމާލެ ބުރިޖު މަޝްރޫޢުގައި ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރެއެވެ. މީގެ ތެރޭގައި ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ރަށްތައް ގުޅުވައިދޭ ހައިވޭތައް ހިމެނެއެވެ. ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދެނީ 750 މީޓަރުގެ ބުރިޖަކުންނެވެ. އަދި ގުޅިފަޅުގައި 2.5 ކިލޯމީޓަރުގެ ހައިވޭއެއް ތަރައްޤީކުރުމަށްފަހު، ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް 600 މީޓަރުގެ ބުރިޖެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް މުޅި މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުގެ ހިއްސާއާއެކު ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.