ދައުލަތަށް ލިބުނު އާމްދަނީ 31.5 ބިލިޔަން ރުފިޔާއަށް އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީގެ އިމާރާތް
ފިނޭންސް މިނިސްޓްރީގެ އިމާރާތް

މި އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 31.5 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 30.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓް ޑިއުޓީއާއި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 18.3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖީޖީއެސްޓީގެ ގޮތުގައި 4.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މީގެއިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 5.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް 1.5 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެނިހެން ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 515 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 77 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، އެ މުއްދަތުގެ ނިޔަލަށް ޖުމްލަ 35.9 ބިލިޔަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 31 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 4.9 ބިލިޔަން ރުފިޔާ ވަނީ ހަރަދުވެފައެވެ. ސަބްސިޑީއަށް 4.2 ބިލިޔަން ރުފިޔާ އަދި އާސަންދައަށް 1.910 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، މި މުއްދަތުގައި ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަނީ 4.4 ބިލިޔަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ