ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަމުންދިޔަ ނަމަވެސް، ގައުމުގެ މާލީ ހަމަޖެހުން ދަމަހައްޓައި އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރޮއިޓާސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މާލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ހަނގުރާމަތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަންނަ ލޮޅުންތައް ފަދަ ބޭރުގެ މާލީ ޕްރެޝަރުތައް މެނޭޖްކުރުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި މާލީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، މީގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރުތައް ކުޑަކޮށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް އެހީތެރިކަން ހޯދުމުގެ ގޮތުން ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން 250 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާއިރު، އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ފަސް އަހަރުގެ މުއްދަތަށް 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.8 އިންސައްތައިގައި އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިގައި ކުރިއަރާނެއެވެ.
ސަރުކާރުން އިގްތިސާދީ ގޮތުން އެންމެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދު ސިންދަފާތުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ. މި ސިޔާސަތުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތަކަށް ދާއިމީ ހައްލެއް ހޯދައި ގައުމުގެ ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.