ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މިއަދު މެންދުރުފަހު 13:15 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް ނެރެފައިވާ މި ސަމާލުގައި، އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.