ކޯސް ފީ ދެއްކުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ 47 ދަރިވަރަކަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗެރިޓީ ފަންޑުން މާލީ އެހީތެރިކަން ހަވާލުކޮށްފިއެވެ. މި އެހީގެ ދަށުން ދަރިވަރުންގެ ކޯސް ފީއަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.
އައިޔޫއެމްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެހީގެ ލިޔުންތައް ދަރިވަރުންނާ ހަވާލުކުރުމަށް ޚާއްޞަ ހަފްލާއެއް ބޭއްވީ އެ ޔުނިވަރސިޓީގެ ހޯލުގައެވެ. މި ހިނގާ ސެމިސްޓަރުގައި ޗެރިޓީ ފަންޑުގެ އެހީތެރިކަމަށް އެދި ޖުމްލަ 53 ދަރިވަރަކު ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން އެހީ ދިނުމަށް އެކަށީގެންވާ ކަމަށް ނިންމައި ހޮވާފައިވަނީ 47 ދަރިވަރުންނެވެ.
އެހީ ދޭނެ ދަރިވަރުން ކަނޑައެޅީ ފަންޑުގެ މިންގަނޑުތަކަށް ބަލައި، އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. މި ދަރިވަރުންގެ ކޯސް ފީ ހަމަޖެއްސުމަށްޓަކައި ޗެރިޓީ ފަންޑުން ޖުމްލަ 469,410.83 (ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ އަށްޑިހަ ތިން ލާރި) ހަރަދުކުރާނެ ކަމަށް އައިޔޫއެމްއިން ހާމަކުރެއެވެ.
މިއީ ކިޔެވުމުގެ ދާއިރާއިން ކުރިއަށްދިއުމަށް މާލީ ދަތިތައް ކުރިމަތިވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އައިޔޫއެމްއިން އިސްނަގައިގެން ކުރިއަށްދިޔަ މުހިންމު ޕްރޮގްރާމެކެވެ. މިފަދަ އެހީތަކުގެ ސަބަބުން ދަރިވަރުންގެ ތަޢުލީމީ ދަތުރު މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.