ރާއްޖޭގެ ސަރަޙައްދެއް ބޭރުގެ ބާރަކަށް ނުދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

އެމްއެންޑީއެފް ކޯސްޓު ގާޑު
އެމްއެންޑީއެފް ކޯސްޓު ގާޑު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ އެހެންވެސް ބާރަކަށް ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ.

ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތަކީ ޤައުމުގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނެ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤެކެވެ. މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދައުލަތާ މަތިކޮށްފައިވާ އަސާސީ މަސްއޫލިއްޔަތެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖޯގުރަފީ ގޮތުން ރާއްޖެއަކީ އިސްތިރާޖީ މުހިންމު ސަރަޙައްދެއްގައި އޮތް ޤައުމެއްކަން ފާހަގަކުރަމުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ހިނގާ ކަނޑުއޮޅިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ރާއްޖެއިން ދުނިޔޭގެ ހަމަޖެހުމަށް ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށް ސަރުކާރުން ބުނެއެވެ. ސަރަޙައްދީ އިޤްތިޞާދީ އަދި ސަލާމަތީ އަމާންކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ދިވެހިން ފަޚުރުވެރިކަމާއެކު ކުރަމުންދާ ކަމެއްކަން ތާރީޚުން ސާފުވާކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދީ އިޚްތިޞާޞްގެ ތެރޭގައިވާ އެއްވެސް ތަނެއް ބޭރުގެ ބާރަކަށް ހުޅުވާލުމަކީ ސިޔާދަތަށް އުނިކަން ލިބި، ސަރަޙައްދީ ހަމަޖެހުމަށް އަސަރުކުރާނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ބޭރުގެ ނުފޫޒަކަށް ދަޢުވަތު ނުދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭރުގެ ބާރުތަކަށް ދަޢުވަތުދޭ މޭރުމަކުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ