އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން ފަށަން އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ގެންނަ މި ބަދަލާއެކު، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޑިޖިޓަލް ނިޒާމުގެ ތެރެއިން ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ފަށާނެއެވެ.
މި ނިޒާމުގެ ދަށުން ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ހިއްސާކުރެވެމުންދާނެއެވެ. އެހެންކަމުން، ސިމްސް ޕޯޓަލް މެދުވެރިކޮށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓްކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. މިއީ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ސާފުކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އައު ނިޒާމު ތަންފީޒުކުރުމުގައި ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދީގެން ބަލާނީ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކާއި، ކަފިހިހުރަސްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކިން ސްލޮޓްތަކަށެވެ. މީގެ އިތުރުން މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މައި މަގުތަކުގައިވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން ބޯށިމާ ހިނގުމާއި، ސައިމާ ހިނގުމާއި، ނިރޮޅު މަގާއި، ހަނދުވަރީ ހިނގުން ފަދަ ގިނަ މަގުތަކެއްގައި މި ނިޒާމު ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.