ކާބޯތަކެތީގެ ރައްކާތެރިކަމާއި އިޤްތިޞާދު ފުޅާކުރުމުގައި ދަނޑުވެރިންގެ ދައުރު ބޮޑު: ރައީސް

ދަނޑުވެރިންތަކެއް ދަނޑެއްގައި މަސައްކަތް ކުރަނީ
ދަނޑުވެރިންތަކެއް ދަނޑެއްގައި މަސައްކަތް ކުރަނީ

ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ދިވެހި އިގްތިސާދު ސިންދަފާތުކުރުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށް ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފަސްގަނޑުގައި ތަކެތި އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި ދަތުރުފަތުރަށް ދިމާވާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަންޖެހެއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވުމުން ގައުމުން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް އިމްޕޯޓްކުރުމާ ނުލައި، ރާއްޖޭގައި ހައްދައިގެން ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ސަރުކާރުން އަންނަނީ ތަފާތު އެކި މަޝްރޫއުތަކާއި އެހީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. މީގެ ތެރޭގައި އިސްލާމިކް ފައިނޭންސިންގް މެދުވެރިކޮށް ދަނޑުވެރިންނަށް ލުއި ލޯނު ސްކީމްތައް ތައާރަފްކުރުމާއި، ޒަމާނީ ދަނޑުވެރިކަމަށް ޚާއްސަ ގްރާންޓް އެހީތައް ހުޅުވާލުން ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގެ 10 ރަށެއްގައި މޭވާއާއި ކާނާގެ ބާވަތްތައް ހެއްދުމަށް އެގްރޯފޮރެސްޓްރީ ފާމްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ރާވައިފައެވެ. ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، ދަނޑުވެރި އާއިލާތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ