ޕާސްޕޯޓު ބުކްލެޓުގެ މައްސަލަ ހައްލުވެ، ބެކްލޮގް ސާފުކުރުން އިމިގްރޭޝަނުން އަވަސްކޮށްފި

ދިވެހި ޕާސްޕޯޓެއް
ދިވެހި ޕާސްޕޯޓެއް

ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދިނުމުގައި ދިމާވި މައްސަލަ ފުރިހަމައަށް ހައްލުވުމާ ގުޅިގެން، ނުނިމި ހުރި ޕާސްޕޯޓުތައް އަވަހަށް ނިންމައި ދޫކުރުމަށްޓަކައި ޕްރިންޓުކުރުމުގެ ކެޕޭސިޓީއާއި އޮފީސް ހުޅުވާފައި ހުންނަ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން އިތުރުކޮށްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ޕާސްޕޯޓު ދޫކުރުމުގެ އާންމު އުސޫލަށް ބަދަލުތަކެއް ގެންނަންޖެހުނީ ރާއްޖެއަށް ބުކްލެޓް ސަޕްލައިކުރާ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފާއިތުވި އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ މުއްދަތުގެ ތެރޭގައި އާންމުންނަށް ދަތުރުފަތުރުކުރުމުގައި ދަތިނުވާނެހެން އެމަޖެންސީ ހާލަތްތަކަށް އިސްކަންދީ، މުއްދަތު ހަމަވާން ކައިރިވެފައިވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ޕާސްޕޯޓު ދޫކުރުމަށް ދިމާވި ދަތިތަކާއެކު 2,600 އަށްވުރެ ގިނަ ޕާސްޕޯޓު ރިކުއެސްޓު ވަނީ ނުނިމި ޕެންޑިންގްގައި ބެކްލޮގްވެފައެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 އަށްވުރެ ގިނަ ޕާސްޕޯޓު ހެއްދުމުގެ ރިކުއެސްޓު އިމިގްރޭޝަނަށް ހުށަހަޅައެވެ.

އިމިގްރޭޝަނުން ބުނީ މިހާރު ބުކްލެޓް ލިބުމުގެ މައްސަލަ ހައްލުވެފައިވާތީ، އެންމެ ބޮޑު އިސްކަމެއް ދެނީ ބެކްލޮގްގައި ހުރި އެޕްލިކޭޝަންތައް ނިންމުމަށް ކަމަށެވެ. އެގޮތުން ހަފުތާ ބަންދުގައިވެސް މަސައްކަތްކޮށްގެން އަވަހަށް ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބެކްލޮގް ސާފުވުމުން، މާލެއާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ 39 މަރުކަޒުން ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އާންމު އުސޫލުން ލިބެމުންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ