އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން މި މަހުގެ 31 ގައި ބާއްވަނީ

އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުނެގުން މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް، ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މި އިންތިޚާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މިދިޔަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކަކާއި، އިދާރީ ގޮތުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ފުރިހަމަނުވާތީ، އިންތިޚާބު ފަސްކުރަމުން ގޮސް، ފަހުން މި މަހުގެ 8 އަށް ތާވަލުކުރުމަށްފަހު އަނެއްކާވެސް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއެވެ. އިދާރީ ތައްޔާރީތައް ނިމުމާ ގުޅިގެން މިހާރު ވަނީ އިންތިޚާބު ބާއްވާނެ އާ ތާރީޚު ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެކަކު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. މި ފަހަރުގެ އިންތިޚާބުގައި ކައުންސިލަރުން ތަމްސީލުކުރައްވާ ގޮނޑިއަށް ވާދަކުރައްވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޡާފިރެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ގޮނޑިއަށް ވާދަކުރައްވަނީ ލ. ގަމު ކޮމިޓީގެ ރައީސް މަރްޔަމް ނީނާގެ އިތުރުން ށ. ފުނަދޫ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓުލުން ކުރިއަށްދާނީ އެލްޖީއޭގެ އިދާރާގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމަތް މަރުކަޒުތަކުގައާއި ސ. ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައެވެ. އެލްޖީއޭގެ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރާއި، ޖެންޑަރ އިކުއަލިޓީ ދާއިރާގެ ތަޖުރިބާކާރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ގަވަރނަންސް ދާއިރާގެ ބޭފުޅަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރަކާއި، މާލީ ވުޒާރާގެ މުވައްޒަފެއްގެ އިތުރުން އެ އޮތޯރިޓީގެ ސީއީއޯ ހިމެނިވަޑައިގަންނަވާ ގޮތަށް އެކުލަވާލެވިފައިވާ ބޯޑެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ