ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުން ވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ވެންޓިލޭޓަރުން ނެގި ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫ ގައެވެ. އަދި ދެވަނަ މީހާއަށް ފަރުވާދެމުން ދަނީ އެޗްޑީޔޫ ގައެވެ. މި ހާދިސާގައި އަނިޔާވި އިތުރު ތިން މީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންނަށް ފަރުވާދެމުން ދަނީ ވޯޑުގައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 2:55 ހާއިރުއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ތިން މީހުން އަދި އަނެއް ސައިކަލުގައި ދެ މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި ދެ ސައިކަލުގައި ތިބި ފަސް މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލަކީ ވެރިފަރާތުގެ ހުއްދައެއް ނެތި ނަގައިގެން ދުއްވި އުޅަނދެކެވެ. ގަވާއިދާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވި މި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.
މި ހާދިސާއާ ގުޅިގެން ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27އ) ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑު އޮންނަ މީހެކެވެ. މީގެ އިތުރުން އަހަރީ ފީއާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، ދުއްވަމުން ދިޔައިރު މުވާސަލާތީ ވަސީލަތެއް ބޭނުންކުރުމުގެ ކުށުގެ ރެކޯޑުވެސް އޭނާގެ މައްޗަށް އޮތް ކަމަށް ފުލުހުން ބުނެއެވެ.