މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރާ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމައި، ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ޖުމްލަ 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 15 މީޓަރުގެ ޖެޓީތަކުގައި ތަނބުތައް ޖެހުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖެޓީތައް ނިމުމުން ބަނދަރު ބޭނުންކުރާ އާންމުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް، އެއް އުޅަނދުން އަނެއް އުޅަނދަށް ގޮސްގެން ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަންޖެހޭ ތަކުލީފަށް ހައްލެއް ލިބި، އިސްރަށްވެހިންނާއި ކުޑަކުދިންގެ އިތުރުން އުފުލާ މުދަލާއެކު ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް އަރައި ފޭބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އޭގެ އިތުރުން، ގިނަ އުޅަނދުފަހަރަށް އެއްފަހަރާ ޖެޓީއާ ކައިރިކުރެވޭނެ ތަނަވަސްކަން ލިބި، އުތުރު ބަނދަރުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުގެ އަވަސްމިނާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ