ހައިވޭގައި އަނިޔާވި ފުލުސް އޮފިސަރަށް ވަޒީރު އިޙްސާން ޒިޔާރަތްކުރައްވައި ހިތްވަރު ދެއްވައިފި

އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ފޮޓޯ: ފުލުހުން
އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ފޮޓޯ: ފުލުހުން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ވަޒީރު ވަނީ އަނިޔާވި އޮފިސަރަށާއި އޭނާގެ އާއިލާއަށް ހިތްވަރު ދެއްވައި، ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދާޚިލީ ވަޒީރުގެ މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ގައުމީ ވާޖިބު އަދާކުރުމުގައި އަނިޔާވި އޮފިސަރު ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ވަޒީރު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި އާންމުންގެ ސަލާމަތަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ވަމުންދާ ޤުރުބާނީތައް ފާހަގަ ކުރައްވައި، އަނިޔާވި އޮފިސަރަށް ބޭނުންވާ އެންމެހައި ފަރުވާއާއި އެހީތެރިކަން ސަރުކާރާއި ފުލުހުންގެ މުއައްސަސާ ގުޅިގެން ފޯރުކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވުން ހުއްޓުވުމަށްޓަކައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. އޮފިސަރަށް އަނިޔާވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑުގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވަނީ މިއީ ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ