އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާ ކަސްޓަމަރުންގެ ބޭންކިންގ ޚިދުމަތްތައް އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. މިއީ ފައިނޭންސިންގ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމަށާއި ކަސްޓަމަރުންގެ އެކައުންޓްތައް ހަރުދަނާކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން އިލްތިމާސްކުރަނީ އެއްވެސް މެދުކެނޑުމެއް ނެތި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ. އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި، އެ މަހަކަށް ދައްކަންޖެހޭ އަދަދު ދައްކައި ނިންމުމުން އެއް ދުވަސް ތެރޭގައި އަލުން ބޭންކިންގ ޚިދުމަތްތައް އިޔާދަކޮށްދެވޭނެއެވެ.
ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ޚިދުމަތް މެދުކެނޑިދާނެކަމުގެ ހަނދާންކޮށްދިނުމުގެ ގޮތުން، އޯވާޑިއު ހުރި ކަސްޓަމަރުންނަށް ތާވަލުކުރެވިފައިވާ އުސޫލުން މެސެޖު ފޮނުވަމުންދާނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 1613 އަށް ގުޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އެސްއެމްއީ ޑިޖިޓަލްއަކީ އާ ވިޔަފާރިތައް ފެށުމަށް އެކި ދާއިރާތަކުން ލޯނު ދޫކުރަމުންދާ ބޭންކެކެވެ. މީގެ ތެރެއިންވެސް އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ފައިނޭންސް ފޯރުކޮށްދެއެވެ.