މަސްތުވާތަކެތީގެ ޚިދުމަތް ދޭ ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އެޕާޓްމަންޓެއް ފުލުހުން ބަލައިފާސްކޮށް، ހަ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި، 23 އަހަރާއި، 24 އަހަރާއި، 39 އަހަރާއި، 41 އަހަރުގެ އިތުރުން 45 އަހަރުގެ ފިރިހެނުންނެވެ. ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، އެ މީހުންގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތެވެ. ފުލުހުން ބަލައިފާސްކުރި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ވަނީ ފެނިފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އެ ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެކެވެ. އަދި އެ ތަނުން ފެނުނު މަސްތުވާތަކެއްޗާއި ފައިސާ ހުރީ ރަބަރު ޕެކެޓުތަކަށް އަޅައި ބަންދުކޮށްފައެވެ. ކޯޓުގައި ތުހުމަތުކުރެވޭ މީހުން އެ ތަނުން ފެނުނު ތަކެއްޗާ ގުޅުމެއް ނެތް ކަމަށް ބުނެ އިންކާރުކުރި ނަމަވެސް، ހައްޔަރުކުރި ބައެއް މީހުންނަކީ އެ ތަނަށް ގަވާއިދުން ވަދެ ނުކުމެ އުޅޭ މީހުންކަން އެނގޭ ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މަސްތުވާތަކެތީގެ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ މާލެއާއި އަތޮޅުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދި ވިޔަފާރިކުރާ ތަންތަން ހޯދައި، އެފަދަ އަމަލުތަކާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ.