މަސްވެރިކަމާއި ގުޅޭ

އައްޓަމަސް

އައްޓަމަހަކީ ރާއްޖޭގެ ކަނޑުތަކުގައި ގިނައަދަދަކަށް އުޅޭމަހެކެވެ. އައްޓަމަހަކީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއްނޫނެވެ. ވީމާ މިމަހުގެ މަސްވެރިކަމެއްވެސް ރާއްޖޭގައި ނުކުރެއެވެ.

އައްޓަމަސް ޢާއްމުގޮތެއްގައި އުޅެނީ ބޮޑެތިމަހުގެ ނުވަތަ ކަނޑުމަތީ އޮންނަ އެތީގަޑެއްގެނިވަލުގައެވެ. މިސާލަކަށް މިޔަރު، ހިބަރު އަދި ވެލާގެ ގައިގައި ތަތްކޮށްލައިގެން އުޅެއެވެ. ބައެއްފަހަރު ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ބަނޑުފިލައިގައި ތަތްކޮށްލައިގެން ދަތުރުކޮށްހަދައެވެ. މިއީ ބާރަށްދުވާ ހިމަތޮޅި މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 62 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 22 އާއި 26 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 22 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ގިނަމަސްމަހާއި ޚިލާފަށް އައްޓަމަހުގެ ބޮލުގެ މަތީގައި ކުކުޅުބިސްބުރަށް ހުންނަ "ތަށްޓެއް" ހުރެއެވެ. މިތަށީގެ ދެފަރާތުގައި ދެބަރިއަށް ހުރަހަށްހުންނަ އުފުއްލުންތަކެއް ހުރެއެވެ. މިއުފުއްލުންތަކަކީ މަސްއެހެން އެއްޗެއްގައި ތަތްކޮށްލަދޭބައެވެ. މިގޮތަށް ތަތްކޮށްލައިގެން ތިބެގެން ބޮޑެތިމަސް ބޭރުކުރާ ތަކެއްޗާއި އެފަދަ މަސްމަހުގެ ބޭރުގައި ހުންނަ އެކިއެކި ދިރުންތައް ކައިހަދައެވެ. މަހުގެ ކުލައަކީ އަޅިމުށިކުލައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Brown remora

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!