ބައިނަލްއަޤުވާމީ ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން، އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ސައިބަރ ނުރައްކާތަކަށް އިތުރަށް ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރައްވައިފިއެވެ.
މި މުނާސަބަތުގައި ދެއްވި މެސެޖެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ޓެކްނޮލޮޖީގެ ސަބަބުން ލިބޭ ލުއިފަސޭހަތަކާއެކު އިންޓަރނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތައް، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާކަން ފުލުހުންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އާ ޓެކްނޮލޮޖީތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސައްހަނޫން މެސެޖާއި، އަޑާއި، ވީޑިއޯ އުފައްދައިގެން އާންމުން މަޅީގައި ޖެއްސުމުގެ އުކުޅުތައް ކުށްވެރިން ބޭނުންކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
ސައިބަރ ކުށްތަކުގެ ޝިކާރައަކަށް ވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މަޢުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުން ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ތަންފީޒީ އިދާރާތަކުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި 'ޓޫ-ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އިންޓަރނެޓް ބޭނުންކުރުމުގައި ބެލެނިވެރިންނާއި އާއިލާތަކުން ސަމާލުވެ، އެހީތެރިވެދިނުމަކީ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ފުލުހުންގެ މެސެޖުގައި ބާރުއަޅުއްވާފައިވެއެވެ.