ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި ހާއްސަ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާލައިފިކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް ނިންމާލެވުނު މަސައްކަތްތަކުގެ ތެރެއިން 220 އެޕާޓްމަންޓެއްގެ ޖުމްލަ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށްފައެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ބާކީ އެޕާޓްމަންޓްތަކުގައިވެސް ރެއިލިން ހަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިއީ އިމާރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމަށްފަހު، އެހީތެރިކަމަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެ މުއްދަތުގެ ތެރޭގައި ޖުމްލަ 1,011 އެޕާޓްމަންޓަކުން ރެއިލިން ހަރުކުރުމުގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވެއެވެ. އެޗްޑީސީން ބުނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި ކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.