ހުޅުމާލޭގައި އެކްސިޑެންޓް ގިނަ ސަރަހައްދުތަކުގައި ސްޕީޑް ބަންޕަރު ހަދަން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހެދުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށްގެންދަނީ
ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހެދުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށްގެންދަނީ ފޮޓޯ: އެޗްޑީސީ

މާލެ ސަރަހައްދުގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަން މަދުކުރުމުގެ ގޮތުން ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑް ބަންޕަރު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ކުރިއަށް ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއެކު، އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. މި މަސައްކަތުގެ ދަށުން ސްޕީޑް ބަންޕަރުތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ދަނީ ކުރަމުންނެވެ.

މީގެކުރިންވެސް ހުޅުމާލޭގައި ހަރުކުރި ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓްތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް މަދުވިކަމަށް ތަފާސްހިސާބުތަކުން ދެއްކި ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް، އޭރު ބޭނުންކުރި މެޓީރިއަލްއާއި ޑިޒައިނާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ބަންޕަރުތައް ވަނީ ނަގާފައެވެ. މިފަހަރު ހަދަން ފަށާފައިވަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތާއި މާލެ ސަރަހައްދު މޮނިޓަރުކުރުމުގެ މަސައްކަތް ފުލުހުންވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ