ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި ރަސްމީ ވާހަކަފުޅުތަކަށްފަހު، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމާއި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތު ދެ ޤައުމުގެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރައްވަނީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު "މޯލްޑިވްސް ފަސްޓް" އުޞޫލުގެ މައްޗަށް ބައްޓަންކުރެވިފައިވާއިރު، ސަރުކާރުން އިސްކަންދެނީ އަވައްޓެރި ޤައުމުތަކާއި އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދިވެހި ޤައުމީ މަޞްލަޙަތާއި ތަރައްޤީއަށް ފުރުޞަތުތައް ހޯދުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.