ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށާއި، އެތަނުގައި އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން މާލެ ސަރަޙައްދުގައި ބިދޭސީ އާބާދީއެއް އުފެދި އެހެން ދީންތަކަށް ފުރުޞަތު ލިބޭނެ ކަމަށް ދެކެވޭ ވާހަކަތައް މުޅިން ދޮގުކުރައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަސްމާލޭގައި އެހެން ދީންތަކުގެ އަޅުކަންކުރާ ބިނާތައް ބެހެއްޓުމާއި ބޭރުގެ ދީންތަކަށް ފުރުޞަތު ލިބޭނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތެކެކެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވެފައި، އެކި ވަގުތުތަކުގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ ފަތުރުވެރިން ރާއްޖޭގައި ތިބޭއިރުވެސް، ރިސޯޓުތަކުގައި އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަސްމާލޭގައިވެސް ހުންނާނީ އިސްލާމީ މިސްކިތްތައް ކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެތަނުގައި ދާއިމީކޮށް ވަޒަންވެރިވެ ނުތިބެވޭނެ ކަމަށާއި، ދީނީ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެތަނުގައި ދިވެހި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރެވޭނެ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން އެއްވެސް ބިދޭސީއަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި އީގަލް ހިލްސްއިން ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ކަންކަން ތަންފީޒު ކުރުމުގައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެންދާނެ ކަމަށެވެ.