ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބޭރު ފައިސާގެ މުއާމަލާތާ ގުޅޭ ޚަބަރުގެ ތަސްވީރެއް
ފޮޓޯ: ފުލުހުން

ގަވާއިދާ ހިލާފަށް އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާ އަދި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ މުޙައްމަދު ރަސެލް މިއާއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ. މި މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގުމަކީ މާލީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށާއި، ހައްޔަރުކުރެވުނު ދެ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި ތަހުގީގީ އިދާރާތައް ގުޅިގެން ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ. މިފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މަޢުލޫމާތު ފޮނުވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ