ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ. އެމަނިކުފާނަށް އަރުވާފައިވަނީ "އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފެވެ.
މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ނޫސްބަޔާނަށްފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސް މުޢިއްޒަށް މި ޝަރަފު އަރުއްވާފައިވަނީ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. މި ޝަރަފަކީ ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުން، އެ ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އަރުވާފައިވާ ޝަރަފެކެވެ.
އައިއައިޔޫއައި އިން ބުނެފައިވާ ގޮތުގައި، ރައީސް މުޢިއްޒަށް މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތައް ކުރިއެރުވުމަށާއި، ދައުލަތުގެ އިދާރާތައް ތަރައްޤީކުރުމަށާއި، ހިންގުމުގެ ދާއިރާއިން އެމަނިކުފާނު ހޯއްދަވާފައިވާ ބޮޑެތި ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި އެކި ފަންތީގެ އިސް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ މުހިންމު މަޤާމުތަކެއް ފުރުއްވައި، އިސްލާމްދީން ކުރިއެރުވުމަށާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައް އެ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަކީ ޤައުމީ ތަރައްޤީއަށް އެމަނިކުފާނު ބަހައްޓަވާ ޚާއްޞަ އިޚުލާޞްތެރިކަމުގެ ހެކިތަކެއްގެ ގޮތުގައި އެ ޔުނިވަރސިޓީން ވަނީ ސިފަކޮށްފައެވެ. ސިޔާސީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން މީގެ ކުރިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންވެސް ވަނީ ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.