ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، 33 ގެއަކަށް ފެންވަދެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ. މީގެއިތުރުން ސަރުކާރުގެ ބައެއް އިމާރާތްތަކަށާއި، އަމިއްލަ ވިޔަފާރިތަކަށްވެސް ފެނުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.
އެންޑީއެމްއޭއިން ހާމަކުރެއްވި ގޮތުގައި، ގޭބީސީތަކުގެ އިތުރުން ސަރުކާރުގެ 5 އިމާރާތަކާއި، 4 ސްކޫލަކާއި، ކޮންސްޓްރަކްޝަން ސައިޓަކަށް ވަނީ ފެންވަދެފައެވެ. އަދި 6 ކެފޭއަކާއި، 2 ކްލިނިކާއި، 2 ގުދަނުގެ އިތުރުން އޮފީސް އިމާރާތަކަށް ފެންވަދެގެންވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުން ނަޖިސް ލީކުވުމުގެ ހާދިސާތައްވެސް ހިނގާފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން ފެނުގެ އަސަރުކުރި ގޭބީސީތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ވަނީ ކޮށްފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމަށްޓަކައި 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ. މި މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ދިވެހި ރެޑް ކްރެސެންޓާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން އެމްޓީސީސީއާއި އެޗްޑީސީންވެސް ބައިވެރިވެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެއީ 101.8 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މާލެއަށް ވަނީ 90 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.