ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދެވުނު ހުކުރު ޚުޠުބާގައި، ކޮންމެ ފަދަ ގުރުބާނީއެއް މެދުވެރިވި ކަމުގައި ވިޔަސް ނުވަތަ އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނެ މީހަކަށް ޙަޤީޤީ މުސްލިމަކު ނުވާނެ ކަމަށް ބުނެފިއެވެ. "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި، ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް މުސްލިމުން ތިބެންޖެހޭނީ އެމީހުންގެ އިސްލާމީ ޢަޤީދާގައި ސާބިތުވެގެން ކަމަށް ވަނީ ހަނދާންކޮށްދީފައެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ މި ދީނުގެ މާތް އުޞޫލުތަކުގައި ހިފެހެއްޓުމުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ބައެއް މީހުން ދީނީ އަޅުކަންތަކަށް އިހުމާލުވެ، މާތް ﷲ ކަނޑައަޅުއްވާފައިވާ މިންގަނޑުތަކުން ބޭރުވެ، އިސްލާމީ ސަގާފަތާ ބީރައްޓެހި އާދަކާދަތަކަށް ތަބާވަމުންދާތީ އެކަމާމެދު ޚުޠުބާގައި ކަންބޮޑުވުން ފާޅުކުރިއެވެ.
އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމައަށް އެކުލެވިގެންވާ ދީނެއްކަން ފާހަގަކުރައްވަމުން، ޤިޔާމަތަށް ދާންދެން އިންސާނިއްޔަތުގެ ބާއްޖަވެރިކަން އޮތީ މި ދީނުގައި ކަމަށް ޚުޠުބާގައި ބުންޏެވެ. އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެ، ބާތިލު އެންމެހައި ކަންކަމުން ބަރީއަވުމަކީ އިސްލާމީ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް ޚުޠުބާގައި ބަޔާންކުރިއެވެ.
މުސްލިމުންނަށް މަތިވެރިކަމާއި ޝަރަފު ލިބިގެންވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބިހާ ހިނދަކު މާތް ﷲ އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް ދީނާ ދުރުހެލިވާ ވަގުތުތަކުގައި ނިކަމެތިކަން ކުރިމަތިވެ، ދުޝްމަނުންގެ ބާރު ފޯރުވުމަށް މަގުފަހިވާކަން ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލަމުން ވަނީ ގޭތެރޭގައާއި ބާޒާރުތަކުގައި އަދި އެކި މަޖިލިސްތަކުގައި ވެސް އިސްލާމީ ރީތި އާދަކާދަތައް ދައްކުވައިދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޝިރުކާއި ބިދުޢަތަކުން ސާފުވެގެންވާ މި މަތިވެރި ދީނުގެ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް މުޅި އުންމަތަށް ގޮވާލާފައިވެއެވެ.