ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އިސްލާމްއާބާދު މޮނިއުމަންޓަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އިސްލާމްއާބާދު މޮނިއުމަންޓަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މި އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގައި، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން، ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާއި، ސަރުކާރުގެ އިސް ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ގޮތުން 20 ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެފަރާތުން ވަނީ އަމާޒު ހިފާފައެވެ.

މީގެއިތުރުން، އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްޙީ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން، ހިފުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައެވެ.

ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން، ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މީގެ ސަބަބުން ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން، ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނު ސަރުކާރުން ވަނީ 100،000 ޒައިތޫނި ގަހުގެ ކުރިއާއި 100،000 ގަހުގެ އޮށް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.

މި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ