އަރުމީނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

އަރުމީނިއާގެ އެއާލައިން ޝިރަކް އޭވިއާގެ ބޯޓެއް
އަރުމީނިއާގެ އެއާލައިން ޝިރަކް އޭވިއާގެ ބޯޓެއް

އަރުމީނިއާގެ އެއާލައިން، ޝިރަކް އޭވިއާއިން އެ ގައުމުގެ ވެރިރަށް ޔެރެވާން އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. މިއީ މި ދެ ގައުމުގެ ދެމެދުގައި މިފަދަ ޝެޑިއުލް ދަތުރުތަކެއް އިންތިޒާމުކުރެވިގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔެރެވާންގެ ޒްވަރޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ. އެއާލައިނުން މަޢުލޫމާތު ދޭ ގޮތުގައި ފުރަތަމަ ފްލައިޓް ރާއްޖެއަށް އައުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ބޮއިންގ 737-800 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި ދަތުރުތައް އިންތިޒާމުކުރެވިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހުއެވެ.

އާންމުކޮށްފައިވާ ދަތުރުތަކުގެ ތާވަލަށް ބަލާއިރު، ޔެރެވާން އިން ފުރާ ފްލައިޓް އެ ގައުމުގެ ގަޑިން ފުރާނީ ދަންވަރު 03:05 ގައެވެ. އަދި ތެޔޮ އަޅަން އޮމާންގެ މަސްކަޓުގައި ޖެއްސުމަށްފަހު، ރާއްޖެއަށް އާދެވޭނީ މެންދުރު 12:10 ގައެވެ. ރާއްޖެއިން އެނބުރި ފުރާ ފްލައިޓް ވެލާނާ އެއާޕޯޓުން ފުރާނީ މެންދުރުފަހު 13:10 ގައެވެ. އަދި މި ފްލައިޓް ޔެރެވާންގައި ޖައްސާނީ އެ ރޭ 20:15 ގައެވެ. މުޅި ދަތުރަށް ޖުމްލަ ގާތްގަނޑަކަށް 8 ގަޑިއިރު ހޭދަވާނެއެވެ.

މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު 455 އެމެރިކާ ޑޮލަރުން ފެށޭއިރު، އެއާލައިނުން މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް 2027 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޝިރަކް އޭވިއާގެ 2026/27 ގެ ފިނިމޫސުމުގެ ދަތުރުތައް ފުޅާކުރުމުގެ ޕްލޭނުގެ ދަށުން ކުރިއަށްގެންދާ ދަތުރުތަކެކެވެ.

މީގެ އިތުރުން، އެ އެއާލައިނުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށްވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ. މި އައު ދަތުރުތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އެދެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ