ކަނޑުމަތިން އިންޖީނު ހުއްޓުނު ލޯންޗަކަށް ދުވާފަރު ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ދުވާފަރުން ދަތުރުކުރި ލޯންޗުގެ އިންޖީނު ހުއްޓުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ
ދުވާފަރުން ދަތުރުކުރި ލޯންޗުގެ އިންޖީނު ހުއްޓުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ ފޮޓޯ: ފުލުހުން

ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމުން، ދުވާފަރު ޕޮލިސް ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:56 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ދުވާފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސް، ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ވަނީ ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައިދީފައެވެ. އަދި އޭގެ ފަހުން ލޯންޗުގެ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތުގައިވެސް ފުލުހުން ވަނީ އެހީތެރިވެދީފައެވެ.

މި ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް ރައްޔިތަކަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މީހާގެ ހާލަތު މިހާރު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވެ މޫސުން ގޯސްވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ