ރާއްޖޭގެ ދެކުނު އަތޮޅެއްގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރެވުނު އެންމެންނަކީވެސް ދިވެހިންނެވެ.
އަޕަ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ފުރަތަމަ ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މައްސަލައިގެ ތަޙުޤީޤު ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ ތެރޭގައި، އެ ރަށުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ފުޅާކޮށް ހިންގުމަށްޓަކައި، މާލެއިން ފޮނުވި ޚާއްޞަ ތަޙުޤީޤީ ޓީމެއް މިހާރު އެ ރަށުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު މީޑިއާތަކަށް ޙިއްޞާކުރަމުންދާނެ ކަމަށެވެ.