ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ

Simple-OG (16)

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި "ފަތްމިނި" ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ބާރުގަދަ އަލިފާނުގެ ހާދިސާއެއް ހިންގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން މުޅި ރަށުތެރެއަށް ބޯ ދުންގަނޑު ފެތުރިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކިޔެވުން ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

އާންމުވެފައިވާ ވީޑިއޯތަކުންނާއި އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި، އަލިފާން ރޯވި ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވެމުންދެއެވެ. އަދި އަލިފާނުގެ އަސަރު ކައިރީގައި ހުރި ގެއަކަށާއި ގަރާޖަކަށް ފޯރައި، އެ ތަންތަނުގައިވެސް އަލިފާން ރޯވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސިއްހީ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި އަލިފާނާއި ދުމުގެ އަސަރުކޮށްގެން މިހާތަނަށް އަށް މީހަކު ވަނީ ފުނަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވާ ގޮތެއް ނުވެއެވެ.

ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މައުލޫމާތު ދީފައިވާ ގޮތުގައި، ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިންގެ ޓީމެއް ވެސް އެ ރަށަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

މި ހާދިސާގައި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ހުއްޓުމެއް ނެތި ކުރިއަށްގެންދާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ