އައްޑޫގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކްސް އިނާޔަތްދޭ ޕައިލެޓް މަޝްރޫއު އަންނަ ޖަނަވަރީގައި ފަށަނީ

476354_28ef4d21-e_ Large

އަންނަ ޖަނަވަރީ މަހުން ފެށިގެން އައްޑޫ ސިޓީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޓެކްސް ދައްކަން ނުޖެހޭ ސަރަހައްދެއް ގާއިމުކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމުކުރާ ޓެކްސް-ފްރީ ޒޯންތަކުގެ ތެރެއިން ތިން އަހަރު ދުވަހުގެ ޕައިލެޓް މަޝްރޫއު އެންމެ ފުރަތަމަ ފަށާނީ އައްޑޫ ސިޓީގައެވެ. މި ޒޯނުގައި ސަރުކާރުން ދޫކުރާ ބިންތަކުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އާމްދަނީން ނަގާ ޓެކްސް މައާފުކުރުމުގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ކޯޓާއިން 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ ލުއިތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި އިގްތިސާދީ އާމްދަނީ ފުޅާކުރުމެވެ. އައްޑޫގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މި މޮޑެލް ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހާއްސަ އިނާޔަތްތަކެއް ލިބިދޭ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައެޅުއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން ދައުލަތަށް އާމްދަނީ ވަންނާނެ މަގުތައް ތަނަވަސްކޮށް، ދެކުނުގެ ވިޔަފާރި ވެށްޓަށް އައު ދިރުމެއް ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ